1446 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސިޓީގައި ކުރުމަށް 27 ތަނެއް ހަމަޖައްސައިފިއެވެ. މިގޮތުން ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މިސްކިތްތަކާއި، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކާއި މައިދާންތަކުގައެވެ.
މިއަހަރުގެ ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. މާލޭގައި އެންމެ ބޮޑު ޖަމާޢަތް އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. އަދި މީގެ އިތުރުން މާލޭގައި 17 މިސްކިތެއްގައި ޢީދު ނަމާދު ކުރެވޭނެއެވެ.
ވިލިމާލޭގައި ޢީދު ނަމާދު ކުރެވޭނީ ދެތަނެއްގައެވެ. އެއީ ވިލިމާލެ ބޯޅަދަނޑުގައި އޮންނަ ބޮޑު ޖަމާޢަތާއި މަސްޖިދުއްސަލާމްގައެވެ. ހުޅުމާލޭގައި ޢީދު ނަމާދު ކުރެވޭނީ ހަތް ތަނެއްގައެވެ. މީގެ ތެރޭގައި ސިންތެޓިކް ޓްރެކް އަދި ކްރިކެޓް ސްޓޭޑިއަމްގައި އޮންނަ ބޮޑު ޖަމާޢަތްތައް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ވިއްސާރަވެއްޖެ ހާލަތެއްގައި މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާޢަތްތައް ކެންސަލްވެއްޖެނަމަ، މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރެވޭނެ ކަމަށް އަންގާފައެވެ.



