ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ފަޚުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ނަސްރުގެ ދުވަހާ ގުޅުވައިގެން ހާއްސަ ޅެން ބައިތެއްވެސް ހިމަނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ ގައުމުގެ ދިފާއުގައި ފުރާނައިން ފިދާވި މަތިވެރި ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޯޓް ޖަމާއަތުން މާލެއަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްވެ، ލިބުނު ކާމިޔާބީގެ ހަނދާން އާކުރުމުގެ ގޮތުންނެވެ. އެ ހާދިސާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 މީހުން ހިމެނޭހެން ޖުމްލަ 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.



