ރާއްޖޭގައި މިދިޔަ އަހަރު ޓީބީ ޖެހުނު މީހުންގެ އަދަދު 148 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އަދަދެއް ކަމަށް އެ އެޖެންސީން ފާހަގަކުރިއެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން އެޗްޕީއޭއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ދުނިޔޭގެ ފެންވަރުގައި މިދިޔަ އަހަރު 10.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ މިލިއަން ފިރިހެނުންނާއި، 3.6 މިލިއަން އަންހެނުންނާއި، 1.3 މިލިއަން ކުޑަކުދިންނެވެ. އަދި މި ބަލީގައި 1.2 މިލިއަން މީހުން ދުނިޔެ ދޫކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
“އާދެ، ޓީބީ ނައްތާލެވިދާނެ: އެކަމަށް މަސައްކަތްކުރޭ، ހޭދަކުރޭ، ޑެލިވާ ކުރޭ” މި ޝިއާރުގެ ދަށުން މިއަހަރުގެ ޓީބީ ދުވަސް ފާހަގަކުރަމުން، އެޗްޕީއޭއިން ވަނީ ރާއްޖެއިން މި ބަލި ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރެވިފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، މިހާރު ވަނީ 100 ރަށެއްގައި ޓީބީ ނައްތާލުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ޓީބީއަކީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ފަސޭހައިން ފެތުރޭ ކަމަށާއި، ނަމަވެސް ރަނގަޅަށް ފަރުވާކޮށްފިނަމަ ފަސޭހަވާނެ ބައްޔެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. ރާއްޖޭގައި 1994 ވަނަ އަހަރުން ފެށިގެން މި ބައްޔަށް ފަރުވާ ދެމުން އަންނަނީ “ޑައިރެކްޓްލީ އޮބްޒާވްޑް ޓްރީޓްމަންޓް” އުސޫލުންނެވެ.



