ދީނާ ބެހޭ ގޮތުން ވާހަކަދައްކާ ކޮންމެ މީހަކީ ދީނީ ޢިލްމުވެރިއެއް ނޫން ކަމަށާއި، އެފަދަ މީހުންނާ މެދު ސަމާލުވުމަށް މަޝްހޫރު އަންހެން ދީނީ ޢިލްމުވެރިޔާ އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ..
އުސްތާޛާ ސާމިޔާ ވިދާޅުވި ގޮތުގައި ދީނީ ޢިލްމަކީ މާތްﷲ އިޚްތިޔާރު ކުރައްވާ މީހުންނަށް ދެއްވާ ޢިލްމެކެވެ. އަދި ދީނީ ޢިލްމުވެރިން މީސްތަކުންނަށް ދީނުގެ ކަންކަން އޮޅުންފިލުވައި ދިނުމުގައި ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރާ ކަމަށް ވިދާޅުވިއެވެ.
“ދީނީ ޢިލްމުވެރިން ނޫނަސް ވެސް ދީނުގެ ވާހަކަ ދެއްކޭނެއެވެ. ނަމަވެސް ޢިލްމުވެރިންގެ ތާކިހާ ނާޅާށެވެ. އަދި އެމީހުން ބަދުނާމު ނުކުރާށެވެ،” އުސްތާޛާ ސާމިޔާ ވިދާޅުވިއެވެ.
އުސްތާޛާ ފާހަގަކުރެއްވި ގޮތުގައި ހިތާމައަކީ ދީނީ ޢިލްމުވެރިން ނޫން ބައެއް މީހުން ދީނީ ޢިލްމުވެރިއެއްކަން ދައްކަން މަސައްކަތްކުރާ ކަމެވެ. އަދި ދީނީ ޢިލްމުވެރިންނަށް ކުޑައިމީސްވާ ގޮތަށް ޕޯސްޓުކޮށް މަޝްހޫރުކަން ހޯދަން މަސައްކަތްކުރުމަކީ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
އުސްތާޛާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިރާއްޖޭގައި އެންމެ ބޮޑު ހިލޭސާބަހަށް ޚިދުމަތެއް ކުރަނީ ދީނީ ޢިލްމުވެރިންނެވެ. އެގޮތުން ރެއާއި ދުވާލު މީސްތަކުންގެ ކޯލްތަކާއި މެސެޖުތަކަށް ޖަވާބުދެއްވާ ކަމަށާއި، ދަންވަރު ވިޔަސް ފަތިހު ވިޔަސް އެކަމުގައި ދެމިތިއްބަވާ ކަމަށް ވިދާޅުވިއެވެ.
އުސްތާޛާ ސާމިޔާ މިހެން ވިދާޅުވެފައި ގޭތެރޭގައި ކައްކައި ތަށި ދޮވުމަކީ “އަންހެންދުޅާވާ” ކަމެއްގެ ގޮތުގައި ސިފަކޮށް މީސްމީޑިއާގައި ކުރެވުނު ޕޯސްޓަކާ ގުޅިގެން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާ ގުޅޭގޮތުންނެވެ.
އެގޮތުން އުސްތާޛާ ސާމިޔާ ވަނީ ގޭތެރޭގައި ކައްކައި ތަށި ދޮވުމަކީ ފިރިހެންވަންތަކަން ގެއްލޭ ކަމެއް ނޫން ކަމަށާއި، މިއުއްމަތުގެ މާތް ނަބިއްޔާ صلى الله عليه وسلم އަކީވެސް ގޭތެރޭގެ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭކަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ދީން ފެތުރުމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ކަމެއް ނޫންކަމަށާއި، އުއްމުލް މުއުމިނީނަ ޢާއިޝާ رضي الله عنها އަކީ މިއުއްމަތުގައި ދީނުގެ ޙުކުމްތައް އުނގަންނައިދެއްވައި، އެންމެ ގިނައިން ފަތުވާ ދެއްވި ޞަޙާބީކަން ފާހަގަކުރެއްވިއެވެ.
އަދި އަމިއްލަ ތަޖުރިބާއިން މިސާލު ދެއްވަމުން، އުސްތާޛާ ވިދާޅުވީ އެކަމަނާގެ ފިރިކަލުން ޑރ. މޫސާ އަންވަރު ވެސް ދީނީ ޢިލްމު ފެތުރުމުގެ މަސައްކަތުގައި އުޅުއްވާ އިރު، ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ކެއްކެވުމާއި، ތަށި ދޮވުމާއި، ގޭތެރެ ސާފުކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.



