ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި، އޯޓިސްޓިކް ކުދިންނާއި ޑައުން ސިންޑްރޮމް ހުންނަ ކުދިންނާ ގުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ މައްސަލަ ބަލައި ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.
ރާއްޖެ ޓީވީން “ކާލާ ބައިސާ” ނަމުގައި މީގެ ދެ ދުވަސް ކުރިން ގެނެސްދިން ޕްރޮގްރާމެއްގައި، ޕީއެންސީގެ އިސް މެންބަރު އަދި ސިފައިންގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒު އަލީ (ޕާޕާ) އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައީސް މުއިއްޒަށް ނިސްބަތްކޮށް އޯޓިސްޓިކް އަދި ޑައުން ސިންޑްރޮމްއާ ގުޅުވައި ވާހަކަދައްކާފައެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކޮމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިދޭ ހާއްސަ ރައްކާތެރިކަމާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ބްރޯޑްކޮމްއިން އިތުރަށް ބުނެފައިވަނީ މިފަދަ ކޮންޓެންޓް ތަހުގީގުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިހްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމަށާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބްރޯޑްކޮމްއިން ވަނީ އެއްވެސް މީހެއްގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް އެންމެހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފައެވެ.



