ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު 8 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމަށް ތިން ސަރުކާރު ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ބުރާސްފަތި ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން 6 ރަށެއްގައި، ފެނަކަ ކޯޕަރޭޝަނުން އެއް ރަށެއްގައި އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އެއް ރަށެއްގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި އެއްބަސްވުމަކީ މި މަހުގެ 13 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ އިތުރު ބައެކެވެ. މި ދެ އެއްބަސްވުމުގެ ދަށުން ޖުމުލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރެވިގެންދާނެއެވެ. މީގެ ތެރެއިން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި މަރުކަޒުތައް އަޅައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއެވެ. އަދި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއާއި، އާރުޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާޙް ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކުގެ ތެރޭގައި ސަރަހައްދީ އަދި އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންކުރާނެ އިމާރާތްތަކާއި، ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ހިމެނެއެވެ.



