މިޔަންމާއަށް ހުކުރު ދުވަހު ބޮޑު ބިންހެލުމެއް އައިސް، އެ ގައުމުގެ ގިނަ ސަރަހައްދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މިހާތަނަށް 140 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އިސްވެރިން ބުނެފައިވާއިރު، މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި އިވެރި ގައުމު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިމާރާތްކުރަމުންދިޔަ އުސް ޢިމާރާތެއް ވެއްޓި، 6 މީހަކު މަރުވެފައިވެއެވެ.
މިޔަންމާގެ ސިފައިންގެ އެންމެ އިސްވެރިޔާ، ސީނިއަރ ޖެނެރަލް މިން އައުންގ ހްލައިންގ ވިދާޅުވި ގޮތުގައި މިހާތަނަށް 144 މީހުން މަރުވެ، 730 މީހުންނަށް އަނިޔާވެފައިވެއެވެ.
“މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ،” އޭނާ ވިދާޅުވިއެވެ.
ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުމިނެއްގައި އައި މި ބިންހެލުން އައީ މެންދުރު ވަގުތެއްގައި، މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭ ކައިރިންނެވެ. އޭގެ ފަހުން އައި އާފްޓަރ ޝޮކްތަކުގެ ތެރެއިން އެއް ޝޮކް އައީ 6.4 ގެ ބާރުމިނެއްގައެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭއިން ލަފާކުރާ ގޮތުގައި މަރުވާ މީހުންގެ އަދަދު 1,000 އަށްވުރެ އިތުރުވެދާނެއެވެ.
ތައިލެންޑްގެ އިސްވެރިން ބުނާ ގޮތުގައި ބެންކޮކްގައި 6 މީހަކު މަރުވެ، 22 މީހަކަށް އަނިޔާވެ، އަދި ތިން އިމާރާތަކުން 101 މީހަކު ގެއްލިފައިވެއެވެ. ބެންކޮކްގެ ގަވަރުނަރު ޗަޑްޗަޓް ސިޓިޕަންޓް ވިދާޅުވި ގޮތުގައި ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި އިތުރު މީހުން ދިރި ތިބި ކަމަށް ޔަގީންކުރެވެއެވެ.
މަންޑަލޭގައި ގިނަ އިމާރާތްތަކެއް ވެއްޓި، އޭގެ ތެރޭގައި އެ ސިޓީގެ އެންމެ ބޮޑު އެއް މިސްކިތް ހިމެނެއެވެ. އަދި ވެރިރަށް ނައިޕިޑޯގައި ސަރުކާރު މުވައްޒަފުން ދިރިއުޅޭ އިމާރާތްތަކުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ މަންޒަރުތައް ފެންނަން ހުއްޓެވެ.



