މަތީ ތައުލީމު ހާސިލުކުރުމަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ގިންތިއަކަށެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރާ ޓޮޕްއަޕް ލޯނެވެ. މި ފަހަރު ޓޮޕްއަޕް ލޯނުގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރެވޭނީ 700،000 ރުފިޔާއެވެ.
އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ގޮތުގައި ބެލެވޭނީ، ލޯނަށް އެދި ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާއިރު މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީ ވެފައިނުވާ ނުވަތަ ޓިއުޝަން ފީ ދައްކާފައިނުވާ ދަރިވަރުންނެވެ. އަދި ޓޮޕްއަޕް ލޯނަށް އެދެވޭނީ ސުންގަޑި ޖެހުމުގެ ކުރިން ކިޔެވުން ފަށާފައިވާ ދަރިވަރުންނަށެވެ.
މި ލޯނު ސްކީމާ ގުޅިގެން އިތުރު އުފާވެރި ޚަބަރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ދެއްވާފައެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުމުގައި އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އައި އެއް ޕަސެންޓް ނުނެގުމަށް ރައީސް ވަނީ ނިންމަވާފައެވެ. މިއީ ލޯނު ނަގާ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ސަރުކާރުގެ މި ލޯނު ސްކީމަކީ، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކުގެ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ދޮރު ހުޅުވައިދޭ މުހިންމު ވަސީލަތެކެވެ



