“ހޮޅުދޫ ބޯޓް” އިން ގެއްލުނު ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑުން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް ބުނެފިއެވެ.
ތ.ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި “ހޮޅުދޫ ބޯޓް” އިން ގެއްލުނު، ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑުން ދަނީ ކުރަމުންނެވެ.
18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ރޭ 21:07 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.
ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މި މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ވަނީ ބޮޑު އެހީތެރިކަމެއް ލިބިފައި ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މި ހާދިސާގައި އަލިފާން ރޯވި “ހޮޅުދޫ ބޯޓް” ވަނީ ދަންވަރު 02:07 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.



