ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހުންނަ ކެފޭއެއްގައި އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރަމުން ދިޔަ 11 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނަކީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. އަދި މި ބިދޭސީން މަސައްކަތްކުރަމުން ދިޔަ ކެފޭއަކީ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ޙާލަތެއްގައި ހުރި ތަނެއްކަން ފާހަގަކުރެއްވިއެވެ.
އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ޙިއްސާކުރި މަންޒަރުތަކުން ފެންނަ ގޮތުގައި، އެތަނުގެ ޙާލަތު ވަނީ ނުހަނު ދަށު ދަރަޖައެއްގައެވެ. މިފަދަ އޮޕަރޭޝަންތަކުގެ ތެރެއިން މިދިޔަ މަހުގެ 23 ގައި ހިންގި އޮޕަރޭޝަނެއްގައި މާލޭ ހީނާމާގޭ ޕާކިންގ ސަރަޙައްދުން ފަސް ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު އެކަނި 5600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ޤައުމުތަކަށް ފޮނުވާލާފައެވެ. އަދި ސަރުކާރުން މިހާރު ދަނީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާޢިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ހޯދައިދެމުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކުރުމާއި، މި ދާއިރާގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.




ތިޔަ މީހުން އަތުން ލާރި ކޮޅެއް ލިބުނުބާ މިހާރު ޤަބޫލު ނުކުރެވޭ. ހުރިހާ ދިމާލެއްގައި ކޮރަޕްޝަން