ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭ ފެށި “ޢީދު އަލި” ހަރަކާތް ނިންމާލައިފިއެވެ. މި ހަރަކާތް ނިންމާލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ޢީދު އަލީގެ ހަރަކާތަކީ އިސްލާމީ މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ. މިދިޔަ އަހަރު މި ހަރަކާތުގައި ބައިވެރިވެފައިވަނީ ހަމައެކަނި ބޮޑެތި ސިޓީތައް ކަމުގައިވީ ނަމަވެސް، މިއަހަރު ވަނީ ކޮންމެ އަތޮޅަކުން ދެ ރަށެއްގެ މަގުން 36 ރަށެއް މި ހަރަކާތުގައި ބައިވެރިކޮށްފައެވެ.
ޢީދު އަލީގެ ހަރަކާތުގެ ދަށުން ރަށްތައް ކުލަގަދަކޮށް ދިއްލުމުގެ އިތުރުން، ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން ތަކުބީރު އިއްވުމުގެ ކަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކަން އެންމެ ފުރަތަމަ ފެށިގެން އައީ ޑރ. މުޢިއްޒު މާލޭ މޭޔަރުކަމުގައި ހުންނެވިއިރުގައެވެ.
މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ރަށްރަށުގެ ކައުންސިލްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ފާހަގަކޮށް، ސިޓީތަކާބެހޭ ވުޒާރާއިން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި މި ތަކެތި ބޭނުންކުރެވޭނެތީ، ލައިޓްތަކާއި ގިޑިގެތަކާއި ސްޕީކަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކައުންސިލްތަކަށް އިރުޝާދު ދެއްވާފައިވެއެވެ.



