ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާއުކުރުމަށް ބޭނުންކުރެވޭނެ ޑޯގަން ކްލާސްގެ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ. މިކަން އިއްޔެ ވަނީ ދިފާއީ ވުޒާރާއިން ރަސްމީކޮށް އިއުލާންކޮށްފައެވެ.
ދިފާއީ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި އުޅަނދަކީ ހަނގުރާމައިގެ ގާބިލުކަން ލިބިފައިވާ މަނަވަރެކެވެ. މި އުޅަނދުގައި މިސައިލް ދޫކުރެވޭނެ ނިޒާމާއި، ބޮޑެތި ބަޑިތަކާއި، ރާޑަރު ސިސްޓަމްތަކާއި އަދި އެހެނިހެން ސަވައިލަންސް އާލާތްތައް ހިމެނެއެވެ. މި އުޅަނދު ރާއްޖެއަށް ގެނެސް ބޭނުންކުރަން ފެށުމުގެ ކުރިން ދިވެހި ސިފައިންގެ ބަޔަކު މިހާރު ދަނީ ތުރުކީގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
ޖަރުމަނުވިލާތުގައި އުފައްދާފައިވާ މި އުޅަނދުގެ ދިގުމިނަކީ 58.1 މީޓަރެވެ. އަދި ގަޑިއަކު 30 ނޮޓްގެ ސްޕީޑެއްގައި ދަތުރުކުރެވޭ މި އުޅަނދުގައި ހަތަރު ޑީސަލް އިންޖީނު ހަރުކުރެވިފައިވެއެވެ. މީގެ އިތުރުން މި އުޅަނދުގައި ހާޕޫން މިސައިލް ސިސްޓަމާއި، އޮޓޯމެޓިކް ނޭވަލް ގަން، އެއަރ ޑިފެންސް ގަން އަދި ދެ މެޝިންގަން ހަރުކުރެވިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި އުޅަނދު ރާއްޖެއަށް ލިބުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދިފާއީ ސިޔާސަތުގެ ދަށުން އަޅާ މުހިންމު ފިޔަވަޅެއްކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.



