ހުޅުމާލޭގައި އިމާރާތްކުރާ ބޮޑެތި ބިލްޑިންގތަކުގައި ނަމާދުކުރާނެ ޚާއްސަ ތަނެއް ހެދުން ލާޒިމުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މިކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާތައް ފެށިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާާޅުވެފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ރިހާއިޝީ އަދި ވިޔަފާރި އިމާރާތްތަކުގައި ނަމާދުކުރުމަށް އެކަށީގެންވާ ޖާގައެއް ކަނޑައެޅުން ލާޒިމުކުރެވޭނެއެވެ.
މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ މެލޭޝިއާ ފަދަ އިސްލާމީ ޤައުމުތަކުގައި ވެސް ޝޮޕިންގ މޯލްތަކާއި ވިޔަފާރި އިމާރާތްތަކުގައި “ސުރާއޫ” ގެ ނަމުގައި ނަމާދުކުރާ ޖާގަ ޚާއްސަކުރެވިފައި ހުންނަ ކަމަށެވެ. އަދި ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ވެސް މިފަދަ އިންތިޒާމެއް ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު މަޢުރޫފް ޖަމީލްގެ އިސްނެންގެވުން ފާހަގަކުރައްވައި، މިނިސްޓަރު ޝަހީމް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ އިމާރާތެއްގެ ކައިރީގައި މިސްކިތެއް ނުހުންނާތީ، ޚާއްސަކޮށް ރަމަޟާން މަހު ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، އިމާރާތްތަކުގައި ނަމާދުކުރެވޭނެ ޖާގަ ހެދުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ޚަރަދުގައި އައު މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ދީފައެވެ.



