ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރުގެ ދަށުން، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ބޯޑަރ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް ތަޢާރަފުރި “ޓްރޭޑިއަން” (tradian.gov.mv) ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ފަށަން ނިންމައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކުރިގޮތުގައި މި ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ 20 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.
މި ނިންމުމަކީ 2 ފެބްރުއަރީ 2025 ގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމި ނިންމުމެކެވެ. އެމް.ޕީ.އެލްއިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް މި ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަމަށާއި، 1 ޖޫން 2025 އިން ފެށިގެން އިޢުލާނުގައި ފާހަގަކޮށްފައިވާ ޚިދުމަތްތައް ލިބޭނީ ހަމައެކަނި ޓްރޭޑިއަން މެދުވެރިކޮށްކަން ވަނީ އަންގާފައެވެ.
އިމްޕްލިމެންޓޭޝަންގެ ފުރަތަމަ މަރުޙަލާގައި ގެނެވޭ މައިގަނޑު ބަދަލުތައް
މި ޕްލެޓްފޯމްގެ ފުރަތަމަ މަރުޙަލާގައި ތިން މައިގަނޑު ބަދަލެއް ގެނެވޭނެއެވެ. އެގޮތުން، ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުމާއި، ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުމާއި، ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން ހިމެނެއެވެ. މި ބަދަލުތަކާ އެކު، ޝިޕިންގ އޭޖެންޓުން އުޅަނދުފަހަރާ ގުޅޭ މަޢުލޫމާތު ހުށަހަޅަންޖެހޭނީ ސީދާ ޓްރޭޑިއަން ޕްލެޓްފޯމް މެދުވެރިކޮށެވެ.
މި އައު ސިސްޓަމްގެ ސަބަބުން ލިޔެކިއުންތައް ސްކޭންކޮށްގެން އެމް.ޕީ.އެލްއަށް ހުށަހަޅަން ނުޖެހޭނެއެވެ. އަދި ހުރިހާ މަޢުލޫމާތެއް ޑިޖިޓަލްކޮށް އެއް ފޯމެޓެއްގައި ހުށަހެޅޭނެއެވެ. މީގެ އިތުރުން، މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭ މަޢުލޫމާތު އެމް.ޕީ.އެލްއާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށްވެސް ލިބޭނެ ގޮތް ވާނެއެވެ.



