2025 ވަނަ އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން މިކަން އިޢުލާން ކުރައްވަމުން ވިދާޅުވެފައިވަނީ، އާދިއްތަ ދުވަހުން ފެށިގެން މެއި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށެވެ. މިއަހަރުގެ ޤައުމީ އިނާމަށް މައިގަނޑު 39 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށްވެސް އެ އޮފީހުން ފާހަގަކުރައްވައިފައިވެއެވެ.
ޤައުމީ އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުވަންޖެހޭނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެދިފައެވެ.
ކުރީގެ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް އަމިއްލަ ފަރާތްތަކަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވެއެވެ. މީގެއިތުރުން ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.



