ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އިސްތަންބޫލްގައި މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދިޔައީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީގެ ވިޔަފާރިވެރިންނާ އެކުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިޤްތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި، ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނެއެވެ.
ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ) އިން އިންތިޒާމްކުރި މި ބައްދަލުވުމުގައި އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. އޭނާގެ ޕްރެޒެންޓޭޝަންގައި “ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުން ކުރިއަރަމުން އަންނަ މަންޒިލެއް” ކަމުގައި ފާހަގަކުރެއްވިއެވެ.
މި މުހިންމު ބައްދަލުވުން ކުރިއަށް ގެންދެވުނީ ޑީއީއައިކޭގެ ޗެއާރމަންއާއި ތުރުކީ-ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކްގެ އިސްނެންގެވުމުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ގިނަ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



