މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ “ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް”ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގެ 32 ބައިވެރިން ގްރެޖުއޭޓުވެއްޖެއެވެ.
ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ. މި ޕްރޮގްރާމުގެ ދަށުން ބައިވެރިން ތަމްރީނުވެފައިވަނީ ފްރޮންޓް އޮފިސް، ހައުސްކީޕިން، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ލައިފްގާޑިން، އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެނަންސް އަދި ފުޑް އެންޑް ބެވަރޭޖް ސާވިސަސް ފަދަ ދާއިރާތަކުންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޝެރަޓަން މޯލްޑިވްސް، ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް، ލެ މެރިޑިއަން މޯލްޑިވްސް، ރިޓްސް ކާރްލްޓޮން މޯލްޑިވްސް، އެސްޓީ. ރެގިސް މޯލްޑިވްސް، ޑަބްލިއު މޯލްޑިވްސް އަދި ވެސްޓިން މޯލްޑިވްސް ފަދަ ނަންހިމެނޭ ރިސޯޓުތަކުގައެވެ.
ޔޫތް މިނިސްޓްރީން ހާމަކުރިގޮތުގައި މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުން ގްރެޖުއޭޓުވި 43 ޒުވާނުންނަށް މިހާރު ވަނީ ވަޒީފާ ޔަގީންވެފައެވެ.
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް ހިންގޭ މި ޕްރޮގްރާމުގެ ބައިވެރިންނަށް މަހުން މަހަށް އެލަވަންސާއި، ކެއުމާއި ހުރުން ހަމަޖެހިގެންދެއެވެ. އަދި ޕްރޮގްރާމް ނިމުމުން އެމްއެންކިއުއެފް ލެވެލް 3ގެ ނެޝަނަލް ސެޓްފިކެޓް ލިބިގެންދާނެކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެ ވަޒީފާތައް އަދާކުރުމަށް އިތުބާރާއެކު މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރިން ވަޒީފާގެ ބާޒާރަށް ނެރުމެވެ. އަދި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއެކު އަމިއްލަ މަސައްކަތުން އަބުރުވެރި އާމްދަނީއެއް ހޯދޭނެ މަގު ޒުވާނުންނަށް ފަހިކޮށްދިނުމެވެ.



