ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ޤައުމު ދެމިއޮތުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ދިވެހި މިނިވަންކަމުގެ ދަންމަރު އުދަރެސްތަކަށް އުފުލައިދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ޤުރުބާނީއާއި ނުގުޑާ ޢަޒުމުންނެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވަނީ ދިވެހި ސިފައިންގެ މުއައްސަސާގެ އޭރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި މާތްވެގެންވާ އިސްލާމްދީނާއި، މި ވަޠަނުގެ މުސްތަޤިއްލުކަމުގެ ޙައްޤުގައި ދިވެހި ސިފައިން ކުރައްވާ ހިންމަތްތެރި މަސައްކަތްތަކުގައި މާތްﷲ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.
މީގެއިތުރުން ރައީސް މުއިއްޒު އެދިވަޑައިގެންފައިވަނީ ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކާއި ކުރިއެރުން ޙާޞިލްކުރުމަށް ކުރާ މަސައްކަތްތަކަށް ކާމިޔާބީ މިންވަރުވެ، މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމިއޮތުމަށެވެ.



