ވޭތުވެދިޔަ 15 އަހަރަށްވުރެ ގިނަ ދުވަހު އަސްކަރިއްޔާގެ ކަންކަމަށް އިހުމާލުވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ސީދާ އަސަރުތަކެއް ކުރި ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޣައްސާން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ މީސްކޮޅު މަދަސް އަޅުވެތިކަމަށް ބޯނުލަނބާނެ ކަމަށް ހިތްވަރުގަަދަ ރައްޔިތުން ދިރިއުޅެމުންދާ ގައުމެއް ކަމަށެވެ. އަދި ޒަމާނާއި އެއްގޮތަށް އަސްކަރިއްޔާ ތަރައްގީ ކުރަން އަބަދުވެސް މަސައްކަތް ކުރަމުން އައި ގައުމެއް ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިންނަކީ އެއްވެސް ޒަމާނެއްގައި އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަ ކުރި ބައެއް ނޫން ކަމަށާއި، އެއީ މިއަދުގެވެސް ސިޔާސަތު ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ މީސްކޮޅު މަދަސް އަޅުވެތިކަމަށް ބޯނުލަނބާ ހިތްވަރުގަދަ ރައްޔިތުން ދިރިއުޅޭ ގައުމެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް މުޙައްމަދު މުއިއްޒު އިންތިޚާބުވުމާ ގުޅިގެން، އެމްއެންޑީއެފްގެ ޤާބިލިއްޔަތު އެތައް ގުނައަކުން އިތުރުކުރެވި، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެއަރކޯއެއް އުފެދި، ޒަމާނީ ވަސީލަތްތައް ތަޢާރަފުކުރެވިފައިވާ ކަމަށް މިނިސްޓަރ ޣައްސާން ފާހަގަކުރެއްވިއެވެ.
ޖަލްސާގައި ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ، މިނިވަންކަން ހިމާޔަތްކޮށް، އަމާން މުޖުތަމަޢުއެއް ޤާއިމްވެފައި އޮތުމަކީ އިޤްތިޞާދީ ގޮތުންވެސް ގައުމުތަކާމެދު އިންވެސްޓަރުންގެ ޔަޤީންކަން ކަށަވަރުކޮށްދޭ އެއް ޙަޤީޤަތް ކަމަށެވެ.