ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ޒުވާނުންނަށް ޚާއްސަކޮށްގެން ތައްޔާރުކުރި “ސްޕޮޓް އޮން” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއެކު ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އެމަނިކުފާނުގެ ދުރު ރާސްތާގެ ތަސައްވުރު ކަމަށެވެ.
ޕޮޑްކާސްޓްގެ މި އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި އަކީ ޒުވާނުން ކަމަށްވާއިރު، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ޑިޖިޓަލް އިޤްތިސާދެއްގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ކޮންމެ ޒުވާނަކީވެސް ދިވެހިވަންތަ، ފަޚުރުވެރި އަދި އިސްލާމްދީނަށް ލޯބިކުރާ ބަޔަކަށް ހެދުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ޒުވާނުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ޕޮޑްކާސްޓްގައި ޒުވާނުންގެ ފަރާތުން ކުރެވުނު ފަސް ސުވާލަށް ރައީސް ޖަވާބު ދެއްވިއެވެ. އަދި އެމަނިކުފާނުގެ ޒުވާން ދުވަސްވަރުގެ ހަނދާންތަކާއި ތަޖުރިބާތައްވެސް ހިއްސާކުރެއްވިއެވެ. މިއަދުގެ ޒުވާނުންގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސް އަހުލުވެރިވެވަޑައިގެންފައިވާކަން ޕޮޑްކާސްޓްގެ ލުއި ސެގްމަންޓްތަކުން ފާހަގަކުރެވުނެވެ.



