ޣައްޒާގައި ކުނި ގިނަވަމުން ދިއުމުގެ ސަބަބުން ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ އިތުރުވަމުންދާ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (އަންރުވާ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ.
އަންރުވާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުނި ގިނަވަމުންދާކަމާއި، މިކަމުގެ ސަބަބުން ބަލިމަޑުކަން ފެތުރުމަށް މަގުފަހިވަމުންދާ ކަމަށެވެ. އަދި އެ އޭޖެންސީން ވަނީ ވީވަރަކުން ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެފައެވެ.
އަންރުވާގެ ޓީމުތަކުން 23،000 އަށްވުރެ ގިނަ ހިޖުރަކުރި މީހުންނަށް ޚިދުމަތް ދޭ 150 ހޯލް ސާފުކޮށްފައިވާ ކަމަށް އެ އޭޖެންސީން ބުނެއެވެ. އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން މިއުނިސިޕަލް މުވައްޒަފުންނަށް މައިގަނޑު ކުނި އުކާލާ ސަރަހައްދުތަކަށް ވާސިލުވުމަށް ހުރަސްއެޅި، އެހީއާއި ތެޔޮ ވެއްދުން މަނާކުރުމާއެކު ޚިދުމަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ އޭޖެންސީން ފާހަގަކުރިއެވެ.
މާރިޗު 2 އިން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އަދި އިންސާނީ އެހީ ވެއްދުން ހުއްޓާލާފައެވެ. އަދި މިކަމުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ބޮޑުވެފައިވާކަން ސަރުކާރުގެ، އިންސާނީ ޙައްޤުތަކުގެ އަދި ބައިނަލްއަޤްވާމީ ރިޕޯޓުތަކުން ދައްކައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި 51،400 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރާލާފައެވެ. މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މާރިޗު 18 ގައި ހަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓުމާއި ހައްޔަރީން ދޫކުރުމުގެ އެއްބަސްވުން އެއްފަރާތްކޮށް، އިސްރާއީލުން ވަނީ އަލުން ހަމަލާތައް ފަށާފައެވެ.



