ބަންދުކޮށްފައިވާ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޤަތަރުން އިއްޔެ ގޮވާލައިފިއެވެ.
ޤަތަރުގެ ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ، ޑޮހާގައި ތުރުކީގެ ފޮރިން މިނިސްޓަރު ހަކާން ފިދާންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޣައްޒާގަިއ ތިބި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ބަނޑަށް ޖެއްސުމާއި އިންސާނީ އެހީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމާމެދު ޤަތަރުން ދެކޮޅު ހަދާ ކަމަށެވެ.
“ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ބައިވެރިންނާއެކު މަސައްކަތް ކުރަމުން ގެންދަން،” އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ އެހީ ވެއްދުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އެކުވެރިންނާއެކު މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓުމަށްފަހު އަލުން ފެށި އިސްރާއީލުގެ ހަމަލާތަކުން އިތުރު މަރުތަކާއި ހަލާކުވުން ކުރިމަތިވެ، 2 މިލިއަނަށްވުރެ ގިނަ ފަލަސްތީނުންގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ، އެކަމާމެދު ޤަތަރުން ކަންބޮޑުވުން ފާޅުކުރިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި 52,200 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދައުވާ އުފުލާފައިވެއެވެ.



