މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރަކުން މީހަކު ހަޅޭއްލަވާތީ ފުލުހުން ބެލިއިރު، ޚަބަރު ހުސްވެފައި އޮތް ޒުވާން އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓެއްގެ ތެރެެއިން އަންހެނަކު ރޯ އަޑު އިވޭ ކަމަށް، މިއަދު ހެނދުނު 6:05 ހާއިރު ފުލުހުންނަށް ރިޕޯޓެއް ލިބުނު ކަމަށެވެ. އަދި އެރިޕޯޓާއި ގުޅިގެން ފުލުހުން އެ ފުލެޓަށް ގޮސް ހަރަކާތްތެރިވެ، ގަދަކަމުން ދޮރު ހުޅުވާ ބެލިއިރު ހަބަރު ހުސްވެފައި އޮތް 21 އަހަރުގެ އަންހެނަކު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއާއެކު އެ އަންހެން މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މި ވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަކަމަސް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



