އިސްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން އިއްޔެ ނުހައްޤުން ހައްޔަރުކޮށްފައި ތިބި ޣައްޒާގެ 11 ފަލަސްތީނު ހައްޔަރީން ދޫކޮށްލައިފިއެވެ. ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، މި މީހުން ކަރަމް އަބޫ ސާލިމް ކްރޮސިންގް މެދުވެރިކޮށް ޚާން ޔޫނިސްގެ ޔޫރަޕިއަން ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް-ޑިޓެއިނީސް އެފެއާޒް އަދި ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީގެ އެކުގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، ކުރީގެ ހައްޔަރީގެ ހެކިބަހުން ދައްކައިދެނީ އިސްރާއީލު އޮކިއުޕޭޝަން ބާރުތަކުން ފަލަސްތީނު ބަންދު މީހުންގެ އިންސާނިއްޔަތުކަން ނިގުޅައިގަތުމަށް ނަފްސާނީ އަނިޔާ ކުރަމުންދާކަމެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޖެނޮސައިޑް ފެށިތާ 19 މަސް ވީއިރުވެސް ހައްޔަރީންނާމެދު ޢަމަލުކުރާ ގޮތް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ދަނީ ދަށަށެވެ. އަދި އަނިޔާވެރި ޢަމަލުތައް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު، ވަގުތަކީ ހައްޔަރީންގެ މުސްތަޤުބަލު ކަނޑައެޅުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ދޫކޮށްލެވޭ ފަލަސްތީނު ހައްޔަރީން ފެންނަނީ ވަރަށް ބޮޑަށް ހާލު ދެރަކޮށެވެ. އެމީހުންގެ ހަށިގަނޑުގައި އިސްރާއީލު ޖަލު އަދި ކޭމްޕްތަކުގެ އޮފިޝަލުން ދިން އަނިޔާގެ ނިޝާންތައް ހުންނަ ކަމަށާއި، ޣައްޒާގެ ހައްޔަރީންނަށް ޖިންސީ ގޯނާ އަދި ރޭޕްކުރުން އާންމު ކަމެއްގެ ގޮތުގައި ހިނގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މިވަގުތު އިސްރާއީލުގެ ޖަލުތަކުގައި 9,500 އަށްވުރެ ގިނަ ފަލަސްތީނުން މީހުން ބަންދުކޮށްފައި ތިބިއިރު، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއިން ގެއްލިފައިވާ އެތައް ފަލަސްތީނުންގެ އަދަދެއް އަދިވެސް ވަނީ ނޭނގިއެވެ.



