ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެއްގެ ދަށުން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.
ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. 16 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުން ޕްރޮގްރާމަށް ކުރިމަތިލާއިރު، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ އިޤްރާރު ހުށަހަޅަންޖެހޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވެވޭނީ މެޑިކަލް އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތުން ބިނާކުރުމާއި، ޤައުމަށް ކުރިމަތިވާ ނުރައްކާތަކާއި ކާރިސާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ޒުވާނުން ތައްޔާރުކުރުން ހިމެނެއެވެ. މީގެއިތުރުން، ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރުމުގެ މަގު ތަނަވަސްކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެކެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން “ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގައި ބައިވެރިވުމަށް އެދޭ ފޯމު“ ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހަޅަންވާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 1 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ދިނުމަށް
ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ޕްރޮގްރާމު ފުރިހަމަކުރާ ފަރާތްތަކަށް ކަނޑައެޅޭ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ތަމްރީނު ލިބިފައި ތިބި، އަޚުލާޤު ރަނގަޅު ޤައުމަށް ފައިދާހުރި ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.



