ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ހުރިހާ ހާލަތެއްގައިވެސް ދިވެހިން އިސްކުރުމާއި، ދިވެހިންނާއި ރާއްޖެއަށް ފައިދާވާ ކަންކަމުގައި އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރާއްޖޭގެ ތާރީޚުގައިވެސް އެޅުނު ފަޚުރުވެރި ނިންމުމެއް ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ރައީސް މުޢިއްޒު ވަނީ އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވާފައެވެ. މި ބިލުގެ މަޤްޞަދަކީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މަންސަތަކުގައި ފަލަސްޠީނުގެ ޙައްޤުތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތިން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.



