އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ މަޝްރޫޢުގެ ކޮންސަލްޓަންސީ މަސައްކަތަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށައިފިކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގާތްގަނޑަކަށް ދޮޅު އަހަރަށްފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ސަރުކާރުގެ ވައުދުތަކާއި މަޝްރޫޢުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ސްކޯޕުގެ ތެރެއިން ޓެންޑަރަށް ހުށަހެޅޭވަރުގެ ތަފްސީލީ އިންޖިނިއަރިންގ ޑިޒައިނެއް ތައްޔާރުކުރެވޭނެ ކަމަށެވެ.
އައްޑޫ ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މި ބްރިޖު ޑިޒައިންކޮށް، ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް މިސްރުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ “ދަ އެރަބް ކޮންޓްރެކްޓާޒް” އާ ހަވާލުކޮށްގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރައީސް މުޢިއްޒު ހިއްސާކުރެއްވި މަޢުލޫމާތުގައި، ތިލަމާލެ ބްރިޖުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ތިލަފުށިން ގިރާވަރުފަޅާއި އުތުރުތިލަފަޅާ ހަމައަށް ގުޅާލާ ބްރިޖުގެ ޕްރީ ފީޒިބިލިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އޭއައިއައިބީން ކުރި އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް އިވެލުއޭޝަން ވޭތުވެދިޔަ މަހުގެ 30 ވަނަ ދުވަހު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކާޑެއްދޫ-ތިނަދޫ ބްރިޖުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ތައްޔާރުކުރުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއެކު އެމްއޯޔޫގައި ސޮއިކުރުމަށް އިކޮނޮމިކް ކައުންސިލުން ހުއްދަ ދީފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.



