ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތުގެ އަޚްލާޤަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ތަޢުރީފުކުރައްވައިފިއެވެ.
ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ވަގުތުން ފެށިގެން ކޮންމެ ދުވަހަކު ރައީސް ޑރ. މުޢިއްޒު، މަސައްކަތަށް ދެއްވާ އަހައްމިއްޔަތާއި ބަހައްޓަވާ ފަރުވާތެރިކަމާއި ވަރުބަލި ކަމެއް ނެތި ދެއްވާ ވަގުތު އިއްޔެ ރައްޔިތުންނަށް ޕްރެސް ކޮންފަރެންސް އިން ފެނިގެން ދިޔައެވެ.
“މިއީ ކޮންމެ ދުވަހަކު ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވަރކް އެތިކް. އައްސަރިބަހާއި ސަބާސް. މުޅި ޤައުމު ރައީސް ޑރ. މުޢިއްޒަށް ފަޚުރުވެރި ވޭ،” ދިފާއީ ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތް ފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫޢުތަކެއް ފައްޓަވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
އިއްޔެ ރައީސް ވަނީ 15 ގަޑިއިރުގެ ދިގު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ރެކޯޑް ހަދާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުވެސް ދެއްވާފައެވެ.



