އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސްނެގުމުގައި އައު މަޝްރޫއެއް މިއަދު ތައާރަފްކޮށްފިއެވެ.
“މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)” ގެ ނަމުގައި ތަޢާރަފުކުރި މި މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމުލަ 250 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން 200 މިލިއަން ރުފިޔާ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާ ހަމަޖެހިފައިވެއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާޙުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ކާމިޔާބު ފައިނޭންޝަލް ސެންޓަރެއް ގާއިމުކޮށް، އިސްލާމިކް ފައިނޭންސް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
“މި އިނީޝިއޭޓިވްއަކީ ހަމައެކަނި ޕްރޮގްރާމެއްގެ ގޮތުގައި ނުދެކި، އެއްބައިވަންތަކަމާއެކު އަމަލުކުރަންޖެހޭ ގޮވާލުމެއްގެ ގޮތުގައި ދެކެން އެދެން،” ރައީސް ވިދާޅުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ 2025-2027 ވަނަ އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް ރޭވިފައިވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. އަދި މި މަޝްރޫއުގެ ސަބަބުން އިގުތިސާދީ ތަރައްގީއާއި މުޖުތަމައުގެ މާލީ ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާގެ “ސަދަގާ ހައުސް ބޭންކް އިސްލާމް”ގެ މޮޑެލްއަށް ބިނާކޮށް ފަރުމާކުރެވިފައިވާ މި މަޝްރޫއު ފެށުމުގެ ކުރިން، މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް ސެލެންގޯއާ ގުޅިގެން އެމްއެމްއޭއިން ވަނީ ޚާއްސަ ދިރާސާއެއް ކުރައްވާފައެވެ. މި މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި މަޝްރޫއާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



