އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިސެން ބްރާހިމް ޠާހާ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ އޯ.އައި.ސީއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޖަމްޢިއްޔާގެ ހަރުދަނާ ލީޑަރޝިޕްގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަކީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޤައުމު ކަމަށެވެ. އަދި ރާއްޖޭގައި ޤާއިމުކުރެވިފައިވާ މުއައްސަސާތަކާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައްދަލުވުން ނިމުމުގެ ކުރިން، ދެ ފަރާތުން ވަނީ އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެކަކު އަނެކަކަށް އަރުވާފައެވެ.



