ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް، ތެލެސީމިޔާ ސެންޓަރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށް، ހެލްތް މިނިސްޓްރީއަށް ހަވާލުކޮށްފިއެވެ.
ތެލެސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، އެ މަރުކަޒުގެ މަސައްކަތްތައް ނިންމައި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާވިސް ކޯޕްސް އާއި ހަވާލުކޮށްގެންނެވެ.
އައު މަރުކަޒުގައި ކުޑަކުދިންނަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާއިރު، އެކުދިންނަށް ފަރުވާ ދޭ ސަރަހައްދުގައި ކުޑަކުދިން ގަޔާވާނެ ގޮތަށް ކުރެހުންތައް ކުރަހައި، އެކުދިންނަށް ފަރުވާ ލިބިގަތުމުގައި ފަސޭހަވާނެ މާހައުލެއް ގާއިމުކޮށްފައިވެއެވެ.
މި މަރުކަޒު ހުޅުވުމާއެކު، ކުރިން މާލޭގައި ހުރި ތެލެސީމިއާ ސެންޓަރުގައި ދިމާވަމުން އައި ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ތެލެސީމިއާ ސެންޓަރުގައި ބޭނުންކުރާ ފިލްޓަރުތައް ހަލާކުވެ، ލޭ ޕެކެޓުތަކުން އިސްރާފުވާ މިންވަރު އިތުރުވެފައިވާ ކަމަށް ބުނެ ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުން މުޒާހަރާކޮށްފައިވެއެވެ.
މިއަދު ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ދެއްވި ޚިތާބުގައި، ތެލެސީމިއާ ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.



