ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ނ.ކުޑަފަރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. މި ރަސްމިޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަރީފުގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަފޫ ހާމިދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެމްބަރ 2024 ގައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، މިހާރު ހިދުމަތް ނުފަށާ ރަށްތަކުގައި، މިއަހަރު 103 އޭޓީއެމް ބަހައްޓަން ސަރުކާރުން ވަނީ ނިންމައިފައެވެ.



