ށ ބިލެއްފަހި އަދި ށ ގޮއިދޫގައި ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހުޅުވައިފިއެވެ.
ގޮއިދޫ އަދި ބިލެއްފަހީގައިވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ މި ދެ ރަށުގައި ވަކި ވަކިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
ގޮއިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އޭޓީއެމުން ފައިސާ ނަންގަވައިފައެވެ. އޭޓީއެމްގެ ޚިދުމަތް ފެށުމަށް ގޮއިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ފައިސާ ނެގުމުގައި ދިމާވާ ދަތިތައް ފަދަ ރައްޔިތުން އުފުލަންޖެހޭ އެކިއެކި ތަކުލީފުތަކަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައި ކަމަށެވެ. އެ ގޮތުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަސްކަމާއެކު ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ.



