ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރ ސޫ ކޮކް ލެންގ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި، އިޔާދަކުރަނިވި ހަކަތައިން ހިންގާ ސިޓީއެއް އުފެއްދުމުގެ ޚިޔާލު ރައީސް މުޢިއްޒު ހިއްސާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، މަތީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ފަރާތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ވިޔަފާރިއާއި، އިޤްތިޞާދީ އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވައި، އެކަމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި ބޯހިޔާވަހިކަމުގެ ސިނާޢަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ތިމާވެއްޓާ ރައްޓެހި، އިޔާދަކުރަނިވި ހަކަތައިން ހިންގާ ސިޓީއެއް އުފެއްދުމުގެ ޚިޔާލު ރައީސް މުޢިއްޒު ވަނީ ސިންގަޕޫރު ސަފީރާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުން ނިމިގެން ގޮސްފައިވަނީ، ދެ ޤައުމުގެ ސިޔާސީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާއި، ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިސްތިރާޖީ އެއްބާރުލުން އިތުރުކޮށް، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެފަރާތުން ދެއްވަމުންނެވެ.



