2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ޣައްޒާގެ ހަނގުރާމައިގެ ފަހުން އެމެރިކާއިން އެ ގައުމަށް 940 މަތިންދާބޯޓާއި ކަނޑު އުޅަނދު މެދުވެރިކޮށް ހަތިޔާރާއި ހަނގުރާމައިގެ އާލާތްތައް ފޯރުކޮށްދީފައިވާކަމަށް އިސްރާއީލުގެ ދިފާއީ މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ހަނގުރާމަ ފެށުމާއެކު ފެށުނު ސިފައިންގެ އާލާތްތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ އޮޕަރޭޝަންގެ 800 ވަނަ މަތިންދާބޯޓު އިއްޔެ އިސްރާއީލަށް ޖައްސާފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން 800 ވައިގެ ދަތުރާއި 140 ކަނޑު ދަތުރު މެދުވެރިކޮށް 90،000 ޓަނުގެ ސިފައިންގެ އާލާތްތައް އިސްރާއީލަށް ފޯރުކޮށްދީފައިވެއެވެ.
މިގޮތުން ފޯރުކޮށްދީފައިވާ ތަކެތީގެ ތެރޭގައި ހަތިޔާރާއި، ހަނގުރާމަވެރި އުޅަނދުތަކާއި، ސިފައިންގެ ރައްކާތެރިކަމުގެ ސާމާނާއި، ސިއްހީ އާލާތްތައް ހިމެނެއެވެ. މި އެހީތެރިކަން ފޯރުކޮށްދެމުންދަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫއާއި އެމެރިކާގެ ރައީސް ޓުރަމްޕްއާ ދެމެދު ގުޅުން ގޯސްވެފައިވާކަމަށް ބުނެވޭ ދަނޑިވަޅެއްގައެވެ.
އިސްރާއީލުގެ ސިފައިންވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ހުއްޓާލުމުގެ ގޮވާލުންތަކަށް އިޖާބަ ނުދީ، 2023 އޮކްޓޯބަރުން ފެށިގެން ޣައްޒާއަށް އަނިޔާވެރި ހަމަލާތައް ދެމުން ގެންގޮސް، ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 54،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ.
2023 ނޮވެމްބަރުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ނެތަންޔާހޫއާއި ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކަށް ހައްޔަރު ވޮރަންޓް ނެރެފައެވެ.



