ލިބިޔާގެ ރައްޔިތެއް ކަމުގައިވާ އާމިރު އަލް މަހްދީ މަންސޫރު އަލް ގައްޒާފީގެ ޙައްޖު ދަތުރު ފެށުނީ ހިތްދަތި ގޮތަކަށެވެ. އެގޮތުން ޕާސްޕޯޓުގައި އޭނާގެ އާއިލީ ނަން އިންގޮތް ސަލާމަތީ ފަރާތްތަކަށް ފާހަގަކުރެވި، އިމިގްރޭޝަން ކައުންޓަރުގައި އޭނާ ހިފެހެއްޓިއެވެ.
އެގޮތުން އޭނާގެ ގްރޫޕުގެ އެހެން މީހުން ފްލައިޓަށް އަރަން ދިޔައިރުވެސް އާމިރު ހުރީ ކައުންޓަރުގައި ހިފަހައްޓާފައެވެ. ސަލާމަތީ މައްސަލަ ހައްލުވި އިރު، ޕައިލެޓް ފްލައިޓްގެ ދޮރު ހުޅުވަން އިންކާރުކޮށް، އޭނާ ނުލައި ފުރަން ނިންމިއެވެ.
ނަމަވެސް އާމިރު އެއަރޕޯޓުން ނުނިކުމެ މަޑުކުރީ “އަޅުގަނޑުގެ ނިޔަތަކީ ޙައްޖުވުން، އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން” ކަމަށް ބުނަމުންނެވެ.
އެ ފްލައިޓް ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހައިރާންކުރުވަނިވި ގޮތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ފްލައިޓް އަނބުރާ ޖައްސަން ޖެހުނެވެ. ފުުރަތަމަ ފަހަރަށް ފްލައިޓް ޖެއްސުމަށް ފަހުވެސް އޮތޯރިޓީތަކުން ވަނީ އާމިރު ފްލައިޓަށް އެރުވުމަށް އިންކާރުކޮށްފައެވެ. އަދި މަރާމާތުކުރުމަށްފަހު ދެވަނަ ފަހަރަށް ފުރި ނަމަވެސް، އަނެއްކާވެސް މައްސަލައެއް ދިމާވެ އަނބުރާ ފްލައިޓް ޖައްސަން ޖެހުނެވެ.
އެވަގުތު ފްލައިޓުގައި ތިބި ފަސިންޖަރުންނާއި ކްރޫ މެންބަރުން ބުނާ ގޮތުގައި، ދެވަނަ ފަހަރު ފްލައިޓް ޖެއްސުމަށްފަހު ކެޕްޓަން ވަނީ“އާމިރު އާއި ނުލައި ދެން އަޅުގަނޑު ނުފުރާނަން” މިހެން ބުނެފައެވެ.
އެއަށްފަހު، އޮތޯރިޓީތަކުން އާމިރުގެ ދަތުރަށް ހުއްދަ ދިނުމާއެކު، ތިންވަނަ ފަހަރަށް ފުރި ފްލައިޓުގައި އޭނާ ހިމެނުނެވެ. އަދި އެ ފްލައިޓް ރައްކާތެރިކަމާއެކު މަންޒިލަށް ވެސް ވާސިލްވިއެވެ. މި ހާދިސާއާ ގުޅޭގޮތުން އާމިރު ބުނީ އޭނާ ބޭނުންވީ ހަމައެކަނި ޙައްޖަށް ދާން ކަމަށާއި، އަދި އެކަން ލިޔެވިފައިވާނަމަ، އެއްވެސް ބާރަކަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ.
މިހާރު ސޯޝަލް މީޑިއާގައި އާމިރު ފްލައިޓް ކްރޫއާއެކު ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލްވެފައެވެ.



