މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް އެކްސްޕޯ 2025 އަކީ މިފަހުން ރާއްޖޭގައި ބޭއްވުނު އެންމެ ތަފާތު އެއް މައުރަޒޭ ބުނެވިދާނެއެވެ. ގައިމުވެސް ދިވެހިންނަކީ ހުނަރު ހުރި ބައެއްކަން ފެނިގެން ހިނގައްޖެއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ގެއްލިފައި ތިބި އެތައް ހުނަރުވެރިންނެއް ފެނިއްޖެއެވެ. އުއްމީދު އާލާވެ އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަންނާނެ ފުރުސަތު ފަހިވެއްޖެއެވެ.
މައުރަޒުގައި ތިބި ބައެއް ބައިވެރިންނާއި ވާހަކަ ދައްކާލުމުން ކޮންމެ ބައިވެރިއަކުވެސް ބުނަނީ އެއް ވާހަކައެކެވެ. މިފަދަ މައުރަޒުތައް މެދުނުކެނޑި ބާއްވަން ޖެހޭ ކަމެވެ.


” އަސްލު ވަރަށް ވަގުތު ކުޑަ މައުރަޒަށް ތައްޔާރުވާން ލިބުނު، ކުރިން އިއުލާނުކޮށްގެން ވަގުތުދީގެން މައުރަޒުތައް ބާއްވަންވީ. އަޅުގަނޑުމެންނަކީ ކިޔަވަންދާ މީހުންވީމަ. ހުރިހާ ވަގުތެއް މިކަންކަން ކުރަން ހުސްނުކުރެވޭނެ އެއްނު. އެހެންވީމާ މަދުވެގެން ހަތަރު ވަރަކަށް މަސްދީފައި މައުރަޒަށް އިއުލާން ކުރަންވީ. އޭރަށް ރަނގަޅުވާނެ.” ޕޮލިޓެކްނިކްގެ ފަރާތުން މައުރަޒުގައި ބައިވެރިވެފައިވާ ބައިވެރިއަކު ބުންޏެވެ.
” މައުރަޒުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ. މީ އަސްލު ވަރަށް ބޭނުންތެރި މައުރަޒެކޭ ބުނެވޭނީ، ފޮތް ސެޓެއް ހަދައިގެން ވިއްކަން ނެރުމަކީ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް. އެކަން ހަގީގަތަކަށް މިވީ މި މައުރަޒުގެ ސަބަބުން. މިހާރު ދެން ބާއްވާ މައުރަޒަށްވެސް އަޅޫގަނޑު ހަމަ ރެޑީގައި މިހުރީ.” އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މައުރަޒުގައި ބައިވެރިވެފައިވާ ބައިވެރިއަކު ބުންޏެވެ.


” ރަށުގައި ތިބި ހުނަރުވެރިންގެ ހުނަރުން ފުރިގެންވާ މަސައްކަތްތައް ހިފައިގެން އައިސް މިހެން ޑިސްޕްލޭކޮށްލައިގެން ހުންނަން ލިބުމަކީ ބޮޑު ޝަރަފެއް އިނގޭ. ށ.ފުނަދޫގެ އަސްލު މަސްކަތްތައް ބައިވެރިކޮށްގެން މައުރަޒަށް އައިސް މިތިބީ. މައުރަޒުގެ ކަންކަމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.” ފުނަދޫ ކައުންސިލުން މައުރަޒުގައި ބައިވެރިވި ފަރާތަކުން ބުންޏެވެ.
” މި މައުރަޒުގެ ތެރެއިން އަޅުގަނޑުގެ އިންސްޓްގްރާމް ޕޭޖުވެސް މި އުފެދުނީ. އެހެންވީމަ މިހާރުވެސް ވަރަށް ގިނަ އޯޑަރު ލިބިފައި ހުރީ. ކާމިޔާބު މައުރަޒެއް ނޫންތޯ މީ ދޯ. އަޅުގަނޑުމީ ތަފާތު އެކި ދިވެހި ރަހަތަކުގެ އަސާރަ ހަދައިގެން މީގެ ކުރިން ރައްޓެހިންނަށް ފޮނުވާ މީހެއް. އެކަމަކު މިހާރު މިފެށުނީ މި ވަދެވުނީ ވިޔަފާރިއަށް. އެހެންވީމަ ކާމިޔާބު ދެއްތޯ.” އަމިއްލަގޮތުން މައުރަޒުގައި ބައިވެރި ފަރާތަކުން ބުންޏެވެ.



ގާތްގަނޑަކަށް ފަސްވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެއް ބޭއްވުމުން އެކަމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން މައުރަޒަށް ޒިޔާރަތްކުރި ކުދި ބޮޑު އެންމެންވެސް ފާހަގަކުރިއެވެ. ހިރާސްއާ ވާހަކަދެއްކި ގިނަ މީޙުން ބުނީ ދިވެހިންގެ އުފެއްދުންތެރިކަން މިފަދަ ގޮތަކަށް ބަލައިލަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި އަސްލު ދިވެހިންގެ އުފެއްދުންތެރިކަން މި މައުރަޒުން ފެނިގެން ގޮސްފި ކަމަށެވެ.

ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ދިވެހި ވިޔަފާރިތައް ފުޅާކުރުމުގެ މަޤުސަދުގައި ސަރުކާރުން ބޭއްވި މި މައުރަޒު އިންތިޒާމުކުރީ އިޤުތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީސީސީންނެވެ.




މޯލްޑިވްސް އެކްސްޕޯ މިނަން ކިއުމުގެ ބަދަލުގައި ތިރީގައި އަޅުގަނޑު މިލިޔާގޮތަށް އެކްސްޕޯއަށް ނަންދިނުން ކިހިނެތްވާނެތޯ؟
” ދިވެހިރާއްޖޭގެ އަތްތެރިކަމުގެ މަޢުރަޟް ” މިގޮތަށް.