ރ އިނގުރައިދޫއިން މަސްތުވާތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި ހައްޔަރުކުރެވުނު ފަރާތަކީ ދަފްތަރު ނަންބަރު 2689، އަލީ ޝަރީފް (އުމުރުން 62 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން ލިބުނު އިތުރު މަޢުލޫމާތުގައިވާ ގޮތުން، މިއީ ފުލުހުންނަށް ލިބުނު ސިއްރު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރު ކުރި މީހެކެވެ. މި އޮޕަރޭޝަނުގެ ތެރޭގައި އަލީ ޝަރީފްގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މާއްދާ ހުރި ހަތަރު ސެލޯފިން ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށްޓަކައި، ކޯޓު އަމުރެއްގެ ދަށުން އަލީ ޝަރީފް ވަނީ 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ. މި މައްސަލައިގެ ތަޙުޤީޤު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ.



