ނިމިގެންދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތަކުން 10 ބިލިއަން ރުފިޔާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ވާއިރު، ފެނަކައިން އެކަނި ވެސް ހަތަރު ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން މާލިއްޔަތު ކޮމެޓީގެ ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.
“މުޅި ހުރިހާ ކުންފުންޏަކަށް ބަލާ އިރު، ގާތްގަނޑަކަށް އެ ފަސް އަހަރުގެ ތެރޭގައި އެ ކުންފުނިތަކުން ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ސީދާ ވަގަށް ނަގާފައި. މި ދެންނެވީ ބާޒާރުގައި ހުންނަ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ގަނެގެންނާއި ބޮޑު އަގުގައި މަސައްކަތްތައް ދީގެން، ދިހަ ބިލިއަނާ ކައިރިއަށް އެބަހުރި. އަޅުގަނޑުމެން މިހާރު މި ކުރާ ދިރާސާތަކުން ގާތްގަނޑަކަށް ލަފާކޮށްލާފައި ބުނަން އެނގޭ ދިހަ ވަރަކަށް ބިލިއަން ރުފިޔާ އެބަހުރި ވަގަށް ނަގާފައި،” އޭނާ ވިދާޅުވިއެވެ.
އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ ހާލަތު އޮތީ ލަފާކުރެވުނު ވަރަށްވުރެ މާ ދަށް ފެންވަރެއްގައި ކަމަށާއި، މިކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ވެސް ސަލީމް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރު ފުރެން ކައިރިވާއިރު، އިތުރު ބޮޑެތި ދަރަނިތަކެއް ނުނަގައި، ލިބޭ އާމްދަނީން ގައުމު ހިންގަވަމުން ގެންދަވާކަން ވެސް ސަލީމް ފާހަގަކުރެއްވިއެވެ.



