ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ މަޤާމަށް، ގދ. ތިނަދޫ / މަލަ، ޒަމްއަތު އަހުމަދު ވަހީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ބްރޯޑްކޮމްގެ މެމްބަރު އާމިނަތު އަމީނާ (އަނާ) ގެ މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 6 ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ. މި ފަރާތްތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއު ބޭއްވުމަށްފަހު، 75 އިން މަތީ މާކްސް ލިބިވަޑައިގަތީ 3 ބޭފުޅެކަށެވެ.
އަދި މަޖިލީހުގެ 56 މެންބަރުންގެ ތާއީދާއެކު، ވޭތުވެދިޔަ ހޯމަ ދުވަހު ވަނީ ޒަމްއަތުގެ ނަން ފާސްވެފައެވެ.
2006 އިން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ޒަމްއަތު، އިސްލާމިކް ޔުނިވަރސިޓީން ނޫސްވެރިކަމުގެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑާއި ވީޓީވީގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، އޭގެތެރެއިން 5 މެންބަރުންނަކީ އަންހެން ބޭފުޅުންނެވެ.



