މި ސަރުކާރުގެ އަމާޒަކީ ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ޤާއިމުކުރާ ހޯޕް އައިލެންޑުގެ މަސައްކަތް 2027 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި، ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މި މަހުގެ 25 ވަނަ ދުވަހު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.
“އެ އިވެލުއޭޓް ކުރުމަށް ފަހު އަޅުގަނޑުމެން މަސައްކަތް ބަޔަކާ ހަވާލުކުރާނަން. ޓާގެޓަކީ 2027 ވަނަ އަހަރު ނިމެންވާއިރަށް މި ރަށް ގާއިމްކޮށް ކުޑަކުދިންނަށް ލިބެންޖެހޭ ޚާއްސަ ފަރުވާ ފެށުން،” މިނިސްޓަރު ވިދާޅުވިއެވެ.
ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީއަކީ މުވައްޒަފުންނާއެކު ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ތަނެކެވެ. މީގެ ތެރޭގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރު ކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.
މި ފެސިލިޓީގައި ތިބޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި ބައިތިއްބައި، އެ ކުދިންގެ އަޚުލާޤު ރަނގަޅުކުރުމަށް ޚާއްސަ ޕްރޮގްރާމްތަކާއި، ތަޢުލީމާއި ތަމްރީނުގެ އިތުރުން ވަޒީފާގެ ތަޖުރިބާއާއި ފުރުސަތުތައް ހޯދައިދިނުމަށް ވަނީ ހަމަޖެހިފައެވެ.



