އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތުރުކީގެ އިސްތަންބުލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެއްވި ތަޤްރީރުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ސުލްހައާއި އިންސާފު ގާއިމްކުރުމަށް އޯ.އައި.ސީ. ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލެއްވިއެވެ.
ޚާއްސަކޮށް ފަލަސްތީނުގެ މައްސަލައިގައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމުގެ ޔަޤީންކަން އެރުވިއެވެ.
މި ބައްދަލުވުމުގެ ތެރޭގައި، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން ބޭއްވުނު ޚާއްސަ ބައްދަލުވުމުގައިވެސް ދިވެހި ވަފުދުން ބައިވެރިވިއެވެ. އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލް ވަނީ ޓަޖިކިސްތާންގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



