އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް އަމާޒުކޮށްގެން ގަސްހެއްދުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީން ގުޅިގެން “ކޮމިއުނިޓީ ގާޑްނިންގ” ޕްރޮގްރާމެއް ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ވަނީ 25 އިސްރަށްވެހިން ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ގަސްއިންދުމާއި، ގަސްހެއްދުމުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 21 އިން ޖުލައި 9 އަށެވެ. ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ހަވީރު 4:00 އިން 5:30 އަށް ކުލާސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 3027586 ނަންބަރާ ގުޅުމަށް ވަނީ އެދިފައެވެ.



