ފައިސާ އިންވެސްޓްކޮށްގެން މަންފާ ހޯދާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބަލަން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާނެވެ. އެ މައްސަލައިގައި ކަމާ ގުޅުންހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށް އޭނާ ހުށަހެޅުއްވިއެވެ. ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވި ގޮތުގައި ޕިރަމިޑް ސްކީމްތަކުގެ އިތުރުން ޖުވާ ކުޅުމުގެ ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްތަކާ ގުޅުންހުރި މައްސަލަތައް ވެސް ބަލަންޖެހެއެވެ.
“ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން. ރާއްޖޭގައި ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ސްކޭމްތައް އެބަ ހިންގާ،” އިމްރާން ވިދާޅުވިއެވެ.
މި މައްސަލަ ބަލަން ނިންމި އިރު، މި ފަހުން އެންމެ ހޫނުވި އެއް މައްސަލައަކީ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ގެ މައްސަލައެވެ. މި ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން އިންވެސްޓްކޮށްފައިވާއިރު، ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެފައިވަނީ އެ ފައިސާ އަނބުރާ ހޯދައިދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.



