ޚާރިޖީ ސިޔާސަތު އެކުލަވާލުމުގައި އަންހެނުން އަދާކުރާ ދައުރު މުހިއްމުކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުން ޑިޕްލޮމަސީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މި ދުވަސް ފާހަގަކުރުމަށް އދ. ގައި ހުށަހެޅި މެންބަރު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމާއެކު، މިކަމާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.
އަންހެނުންނާއި އަންހެން ކުދިން ތަމްސީލުކޮށް، އިހްތިރާމްކޮށް، އެފަރާތްތަކުގެ އަޑު އުފުލައި، ދުނިޔޭގެ ސުލްހައާއި ތަރައްޤީގެ މަގުދައްކާ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ މުސްތަޤުބަލެއް ބިނާކުރުމުގައި އަންހެނުންގެ ލީޑަރޝިޕަށް ދިވެހިރާއްޖެއިން ގަބޫލުކުރާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، އެކަމަށް ދިވެހިރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނެކަން ފާހަގަކުރައްވާފައިވެއެވެ.
ބައިނަލްއަޤްވާމީ އަންހެނުން ޑިޕްލޮމަސީގެ ދުވަހަކީ އދ. ގެ ޖެނެރަލް އެސެމްބްލީން 2022 ވަނަ އަހަރު ފާސްކުރި ގަރާރެއްގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން 24 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.



