ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޒަކާތު ހައުސްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް ޢިއްޒައްދީން އަދްނާން އަދި ސޯޝަލް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް އިސްމާއިލް ޢަލީއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މި އެމްޕަވަރމަންޓް ހަބް ގާއިމްކުރުމަށް ނިންމާފައިވަނީ ސޯޝަލް މިނިސްޓްރީގެ ފަރާތުން އެދުމުން، 19 މާރިޗު 2025 ގައި ބޭއްވުނު ޒަކާތު ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 25 އަހަރު ދުވަހެވެ.
ހަބް ގާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިތުރުވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކޮށް، އިސްލާމީ ތަރުބިއްޔަތު ދިނުމާއި، އިތުރަށް ބާރުވެރިކުރުވުމާއި، އެ ފަރާތްތަކަށް ބޭނުންވާ ދީނީ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި، މާލީ ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށް އިސްލާޟިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި “އެމްޕަވަރމަންޓް ހަބް” ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައި ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއިން އިމާރާތްކުރަމުންދާ އަމާންއުދަރެސް ޓަވަރު 7 ގެ އެއްވަނަ ފަންގިފިލާގައެވެ.



