ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އިއްޔެ 72 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި އެހީގެ ތަކެތި ބަހާ މަރުކަޒުތަކުން ކާބޯތަކެތި ހޯދަން އުޅުނު ރައްޔިތުންވެސް ހިމެނެއެވެ.
މެޑިކަލް ސޯސްތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރިގޮތުގައި، ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި ޝަހީދުވި 72 މީހުންގެ ތެރެއިން މަދުވެގެން 47 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީއާއި އުތުރު ސަރަހައްދުތަކުގައެވެ.
އެގޮތުން ޣައްޒާ ސިޓީގެ އަލް-އަހްލީ ހޮސްޕިޓަލުގެ ހާލަތު ވަރަށް ނުރައްކާތެރިކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. ޒައިތޫން އަދި ސަބްރާ ސަރަހައްދުތަކަށާއި، އަލް-ޒަވިޔާ މާރުކޭޓަށް ދިން ހަމަލާތަކުގައި ޒަޚަމްވި އެތައް ސިވިލިއަނުންނެއް އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދެއެވެ.
ރަފާހުގެ އުތުރުގައި ހުންނަ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ހިންގާ އެހީ ބަހާ މަރުކަޒުތަކުގެ ކައިރީގައި މަދުވެގެން 5 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަން މެޑިކަލް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
މޭ މަހުގެ ފަހުކޮޅުން ފެށިގެން ޖީއެޗްއެފްއިން އެހީގެ ތަކެތި ބެހުމާ ހަވާލުވި ފަހުން، އެހީ ބަހާ މަރުކަޒުތަކުގެ ކައިރީގައި ތިބޭ ފަލަސްތީނުންނަށް އިސްރާއީލް ސިފައިން ގަވާއިދުން ހަމަލާދެމުންދާކަމަށް ޣައްޒާ ގަވަރމަންޓް މީޑިއާ އޮފީހުން ބުނެފައިވެއެވެ. މިގޮތުން 580 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 4،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.



