ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ނަމުން އޯކިޑަކަށް ނަން ދީފި އެވެ.
މި އޯކިޑަށް ނަން ދެވިފައިވަނީ ރައީސް މުޢިއްޒާއި މެޑަމް ސާޖިދާ ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޚާއްސަ ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުންނަށް ވަނީ ގާޑަންގެ މުހިންމު ސަރަހައްދުތަކާއި، އެތަނުގެ ފާހަގަކޮށްލެވޭ ތަރިކަތައް ދައްކުވައިދެއްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ގާޑަންގެ މެހެމާނުންގެ ޚާއްސަ ފޮތުގައިވެސް ސޮއިކުރައްވާފައެވެ.
ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންއަކީ އެ ޤައުމަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރި މެހެމާނުންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތައް ނަންކުރުމުގެ އާދަކާދަ އަހަރުތަކެއް ވަންދެން ދަމަހައްޓަމުން އަންނަ ތަނެކެވެ. މިއީ ޤައުމުތަކުގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭ ރަމްޒީ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރައީސް މުޢިއްޒާއި މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ ޖޫން 29 އިން ޖުލައި 2 އަށް ކުރިއަށްދާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ގިނަ މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.



