ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި، ޤާބިލުކަން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ވެވޭ ފަހުމުނާމާ ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔަރަމަންޓާ ދެމެދު ވެވޭ ފަހުމުނާމާވެސް ހިމެނެއެވެ.
މީގެއިތުރުން، މަތީ ތަޢުލީމާއި، ތަޢުލީމީ ސިޔާސަތާއި، ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމާއި ދިރާސާގެ ދާއިރާއިން އެއްބާރުލުންދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އާއި ސިންގަޕޫރުގެ އިންސްޓިޓިއުޝަން އޮފް ޓެކްނިކަލް އެޑިއުކޭޝަނާ ދެމެދު ވެވޭ ފަހުމުނާމާގައިވެސް ސޮއިކޮށްފައިވެއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.



