ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގޯތިތަކަށް ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓްރީ ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދުން ފެށިގެން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މިހާރު ގުޅިފަޅުން ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ލޭންޑް ޔޫސް ޕްލޭން ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި، މި ބަދަލާ ގުޅިގެން ކުރީގެ ރަޖިސްޓްރީތައް ބާތިލްކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައެޅުމަށް ގުރުއަތު ނެގުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އައު ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނީ “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އެޕޮއިންޓްމަންޓް އުސޫލުންނެވެ. މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރަން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިންނެވެ.
މިނިސްޓްރީން އަންގާފައިވާ ގޮތުގައި، އެޕޮއިންޓްމަންޓަށް ހާޒިރުވާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަސް މިނިޓް ލަސްވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާނެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އަލުން އެހެން އެޕޮއިންޓްމަންޓަކަށް އެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



